ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ތެރެއިން 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓަކަށް ބޯޑް އޮފް އިންވެސްޓްމެންޓް އިން ހުއްދަ ދީފިއެވެ.
މި ހުއްދަ ދީފައި ވަނީ ނ. އަތޮޅުގައި ޓައުންޝިޕެއް ތަރައްގީ ކުރުމަށް ކްރިސްޓަލް ހޯލްޑިިން ކިޔާ ކުންފުންޏަކަށެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް ޕްރޮޖެކްޓެވެ.
މިކަން ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ތެރެއަށް އިތުރު 19 ދާއިރާއިން ފުރުސަތުދީފައިވާ ކަމަށާއި، ނ. އަތޮޅުގައި މިހާރުވެސް ޓައުންޝިޕް ޕްރޮޖެކްޓެއް ފަށައިގެން އުޅޭ ކަމަށެވެ. އަދި މާލެ އަތޮޅުގައިވެސް ބައެއް ފަރާތްތަކުން ޕްރޮޖެކްޓުތައް ކުރިޔަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރޮޖެކްޓަށް ހުއްދަ ދިނުމަށް މަގުފަހިވީ އެސްއީޒެޑްގެ ގާނޫނަށް އިސްލާހު ގެނެސް، މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ތަރައްގީކުރެވޭ ގޮތަށް ހެދުމުންނެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު 5، 2023 ގައެވެ. އަދި ރައީސް މި ގާނޫނު ތަސްދީގުކުރެއްވީ ނޮވެމްބަރު 10، 2023 ގައެވެ.
އެސްއީޒެޑް ގާނޫނަށް ގެނެވުނު މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ހާއްސަ އިގްތިސާދީ ޒޯންތައް “ސަސްޓެއިނަބަލް ޓައުންޝިޕް“ ގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިކޮށް، އެފަދަ ޒޯންތަކާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ. މިފަދަ ޒޯނެއްގައި ކުރެވޭ އިންވެސްޓްމަންޓްގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނުވުން ލާޒިމުކުރެއެވެ.
މީގެ އިތުރުން، ޒޯނުގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްތަކާއެކު ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ގާއިމުކުރަން ޖެހޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، 790 މިލިއަން ޑޮލަރަށްވުރެ ބޮޑު މި މަޝްރޫއަކީ، ރިސޯޓް ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ މިހާރުގެ މޮޑެލްތަކުން ބޭރުވެ، އެކި ދާއިރާތަކުން ކުރިއަރާފައިވާ، އަންނަން އޮތް ޖީލަށް އެކަށޭނަ ތަރައްގީ ހުޅުވުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ހުއްދަ ދޫކުރީ ކުންފުނި ހުށަހެޅި ރަސްމީ އެޕްލިކޭޝަނާއި ގުޅިގެން މި އަހަރު ބޭއްވި ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ޓައުންޝިޕްގައި ލަގްޒަރީ ހޮސްޕިޓަލިޓީއާއި ދިރިއުޅުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން، އިގްތިސާދަށް މުހިންމު ދާއިރާތައް ހިމެނޭނެއެވެ. މީގެ ތެރޭގައި، މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައި މަންޒިލެއްގެ ގޮތުގައި ބަލައިގަންނާނެ ފަދަ ސްޓޭޓް އޮފް އާޓް ހެލްތް ކެއާ ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި، ނޭޝަނަލް ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށްޓަކައި އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކްއަކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ހިމެނެއެވެ.
މިތަން ތަރައްގީ ކުރެވިގެން ދާނީ 60% އިޔާދަކުރަނިވި ހަކަތައާއި އެކުގައެވެ.
މި މަޝްރޫއު 2028 އަށް ނިންމައި އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ވަޒީފާ އުފެދި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރެވި، ދިގު މުއްދަތަކަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނާއި މުއްސަނދިންނަށް ރާއްޖެ އައުމަށް ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.



