ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް އަހުމަދު ސޮބާހު އައްޔަންކުރައްވައިފިއެވެ.
ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެ މަގާމަށް ސޮބާހު އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މުހައްމަދު ދީދީ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ސޮބާހު މީގެކުރިން ހުންނެވީ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.
ސޮބާހު ވަނީ ކަރެކްޝަންސްގެ އެކި މަޤާމުތަކުގައި 21 އަހަރު ޚިދުމަތް ކުރައްވާފައެވެ.




