މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ’މަހަ މަންފާ‘ ގެ ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފިއެވެ.
މި ފައިނޭންސިންގަށް އެދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުށަހެޅޭނެއެވެ.
މިއީ މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރޯއާ އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް ތައާރަފްކޮށްފައިވާ ސްކީމެކެވެ.
އެސްއެމްއީ ޑިޖިޓަލުން ވިދާޅުވީ، މި ސްކީމުގެ މައިގަނޑު މަގްސަދަކީ މި ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި، މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް ވެސް މާލީ އެހީ ލިބޭނެ ކަމަށެވެ.
މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ.
ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 7 އަހަރު ދުވަސް ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލުން ހާމަކުރާ ގޮތުގައި، މިފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %6 ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.
މި ފައިނޭންސިންގއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
”މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްވެސްމެ. މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ.“ ބަދުރުއްދީން ހަސަން އިތުރަށް ވިދާޅުވިއެވެ.
މި ސްކީމަކީ މަސްވެރިކަމުގެ ދާއިރާގައި ކުދި ވިޔަފާރިތައް އިތުރުކުރުމަށް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީއާ އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން އިތުރު ފިޔަވަޅެކެވެ.



