އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ސޯޝަލް މީޑިއާ މަނާކޮށްފިއެވެ.
މިއަދުން ފެށިގެން އެކަން ތަންފީޒު ކުރަން ފަށާނެކަން އެ ގައުމުގެ ސަރުކާރުން އޮތީ ކުރިން އިއުލާން ކޮށްފައެވެ.
މަނާކުރެވުނު ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑް އަދި ރެޑިޓް ހިމެނެއެވެ.
އޭގެ އިތުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންކުރެވޭނެ ބައެއް ޕްލެޓްފޯމްތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޔޫޓިއުބް ކިޑްސް އާއި މެސެޖިން އެޕް ވަޓްސްއެޕާއި ޑިސްކޯޑާއި ލެގޯ ޕްލޭ އާއި ރޮބްލޮކްސް އަދި ގޫގުލް ކްލާސްރޫމް ހިމެނެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނިގޮތުގައި މި ވަސީލަތްތައް މަނާކުރުމުގެ މައިގަނޑު މަގުސަދަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ކުރިމަތިވަމުންދާ ސިއްހީ އަދި ނަފްސާނީ މައްސަލަތަކާއި، އެކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން ސަލާމަތްކުރުމެވެ.
ސަރުކާރުން ވަނީ މިއަދުން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް މި މަނާކުރެވުނު އެޕްތަކަށް އެކްސެސް ނުވާނެކަން ކަށަވަރުކުރުމަށް އެންގުމަށްފަހު، މިކަމާ ހިލާފުވާ ކުންފުނިތަކަށް ބޮޑެތި އަދަބުތައް ދިނުމަށް ނިންމާފައެވެ.
އެގޮތުން، ގަވާއިދާ ހިލާފުވާ އެޕެއް ހިންގާ ކުންފުންޏެއް 50 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (32.5 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



