މިއަހަރުގެ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ އެފަދަ ފަރާތްތަކަށް ހަދިޔާ ދިނުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްއިން އިސްނަގައިގެން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭއްވި މި ހަރަކާތް ކުރިއަށް ގެންދިޔައީ، މިއަދު ހެނދުނު 9:30އިން 11:30އަށެވެ.
މި ހަރަކާތުގެ ތެރެއިން އެޗްއާރުސީއެމްއިން ވަނީ މަރުކަޒަށް ބޭނުންތެރި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން، މަރުކަޒަށް އަވަނަކާއި، ފެން ސާފު ކުރާ ދެ މެޝިން ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށް ކިޔޭނެ ބައެއް ފޮތްތައްވެސް ހަދިޔާކުރިއެވެ.
އެޗްއާރުސީއެމްއިން ވަނީ މަރުކަޒުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޮޑުބެރު ޝޯވއަކާއި، ޓެލެންޓް ޝޯވއެއްގެ އިތުރުން ކުރެހުމުގެ ފުރުޞަތުތައްވެސް ފަހިކޮށްދީފައިވެއެވެ.
މި ހަރަކާތްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޢާއިލާގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
ގުރައިދޫ މަރުކަޒުގައި ބޭއްވި މި ހަރަކާތުގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެޗްއާރުސީއެމްއިން ވިދާޅުވާ ގޮތުގައި، ގުރައިދޫގައި ބާއްވާ މި ހަވީރުގައި ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކުން ބައިވެރިވާނެއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ 10 ޑިސެންބަރުގައެވެ. މި ދުވަސް އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 1948 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ފާސްކޮށް ނެރުނު ޤަރާރަކުންނެވެ.
މިއީ، މި ދުވަސް ފާހަގަކުރާ 77 ވަނަ އަހަރެވެ.



