މަސްވެރިން ބާނާ މަހުގެ ފައިސާ 48 ގަޑިއިރުތެރޭ ދޫކުރަން ފެށި ފަހުން، މިހާތަނަށް 900 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.
މިފްކޯ އިން ދިން މައުލޫމާތަށް ބަލާއިރު، މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ފެށިފަހުން ޖުމްލަ 900,322,300 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އެ މުއްދަތުގެ ތެރޭގައި މިފްކޯ އަށް ކިރާފައިވާ 58,510.59 ޓަނުގެ މަހަށް ވާ ފައިސާއެވެ.
މަސްވެރިންނަށް ދިމާވެފައިވާ ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މި އުސޫލު ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ. މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން މަސްވެރިންނަށް ދައްކަން ޖެހޭ ގޮތަށް 250 މިލިއަން ރުފިޔާގެ ބެކް ލޮގެއް އޮތެވެ.
ނަމަވެސް، ސަރުކާރުން ވަނީ މި ފައިސާ މިހާރު ދައްކައި ހަލާސްކޮށްފައެވެ.
މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރުމުގެ މި އުސޫލަކީ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީ، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިފްކޯއިން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، އާމްދަނީ އިތުރުކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ އިގްތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް އިތުރުކޮށް، މި ދާއިރާ ޒަމާނީކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



