ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑެވެ.
މިފަދަ ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެއް ކަމަށާއި، ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތެއްވެސް ލިބޭނެއެވެ.
މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސަރޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ޚިދުމަތްތަކާއި އެލީޓް ކްލަބް މެމްބަރޝިޕް ލިބޭނެއެވެ.
އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައްވެސް ލިބޭނެއެވެ.
”އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް ބީއެމްއެލްއިންނެވެ. އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައެވެ.
ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.




