މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޮރެންޖް ސަމާލު ނެރެފިއެވެ.
މިވަގުތު މާލޭ ސަރަހައްދުގެ ވައިގެ ނުސާފުމިިން (AQI) ހުރީ 117 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޮރެންޖް ސަމާލު ނެރެނީ ވައިގެ ނުސާފުމިން AQI 101 އާއި 150 އާ ދެމެދުގެ މިންވަރެއްގައި ހުންނަ ހާލަތުގައެވެ.
އެޗްޕީއޭގެ އޮރެންޖް ސަމާލުގައި ބުނެފައިވާ ގޮތުން، މިހާރުގެ ހާލަތުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް ވަގުތީ ގޮތުން މަޑު ޖައްސާލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އަދި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން ސިއްހީ ރައްކާތެރިކަމަށްޓަކައި، ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ވައި ސާފުކުރާ އެއާ ޕިއުރިފަޔާ ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.



