ހުޅުމާލޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ، ކުރިން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫޢެއް ހުއްޓާލުމާ ގުޅިގެން ހެދުނު ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މަގު ހެދުމުގެ މަޝްރޫޢަކީ، އޮކްޓޯބަރު 2، 2022 ގައި ރޮޓައިމް ކުންފުންޏާ ހަވާލުކުރި ”ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން” ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެކެވެ.
އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށްޓަކައެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާ ގުޅިގެން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫޢު ހުއްޓާލަން ޖެހުނެވެ. އެހެންކަމުން، ކުރިން ހަވާލުކުރި މަސައްކަތުގެ ބަދަލުގައި މި މަގުތައް ހެދުމުގެ މަސައްކަތް ފަހުން ހަވާލުކުރީ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ 1 އަދި 2 ގައި ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހެދުމަށް މި މަހުގެ ތިން ވަނަ ދުވަހު ހަވާލުކުރީ ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގުއެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެއެވެ. މީގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. މި ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަކަށް ބަހާލައިގެންނެވެ. އެގޮތުން، 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެން ދައްކާނެއެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.
އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށާއި، އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބިދިނުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށެވެ.



