ލ. މާމެންދޫގައި ބޯހަމަނުޖެހޭ ހާލަތުގައި ހުރި މީހަކު ގަޔަށް އެއްވެސް އެއްޗެއް ނުލައި ރަށުތެރޭގައި އުޅެމުންދާތީ، ގިނަ އަދަދެއްގެ ބެލެނިވެރިން ހިމެނޭހެން، ރަށުގެ ރައްޔިތުންނަށް ބޮޑު އުނދަގުލަކާއި ބިރެއް ކުރިމަތިވެފައިވާ ކަމަށް އެރަށު ރައްޔިތުން ބުނެފިއެވެ.
”އެކަނިވެރި މައިން“ ގެ ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ޕޭޖެއްގައި، އެ ރަށު ރައްޔިތުންނާ ހަވާލާދީ ލިޔެފައިވާ ޕޯސްޓެއްގައި ބުނީ، މި މީހާގެ ސަބަބުން ރަށުގެ އާންމު މަސްލަހަތު ހީނަރުވެ، އޭނާއަށް އިތުރު ގެއްލުމެއް ލިބިދާނެކަމުގެ ބިރުވެސް އޮތް ކަމަށެވެ.
މި މީހާއަކީ ބޮޑެތި ދަރިން ތިބި މީހެއް ނަމަވެސް، އޭނާގެ އަނބިދަރިން ދިރިއުޅެނީ އެހެން ރަށެއްގައެވެ. ރައްޔިތުން ބުނާ ގޮތުގައި، ސަރުކާރުގެ ބެލުމުގެ ދަށަށް މި މީހާ ގެންދެވޭނެ ގޮތެއް ނުވެފައިވަނީ، އޭނާގެ ބޮޑު ދަރިފުޅު އެކަމަށް ސޮއި ނުކުރުމުންނެވެ. މިކަމުގެ ސަބަބުން އޭނާގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ރަށުތެރޭގައި ބަރަހަނާ ހާލުގައި މި މީހާ އުޅޭތީ، ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުތުމަށް ބެލެނިވެރިން ޖެހިލުންވެއެވެ. އެފަދަ މަންޒަރު ކުދިންނަށް ދައްކަން ބޭނުން ނުވާތީ، ގިނަ ބެލެނިވެރިން މިހާރު ކުޑަކުދިން ގޮވައިގެން ރަށުތެރެއަށް ނުކުމެއެއް ނޫޅެއެވެ.
އެ ޕޯސްޓުގައި ބުނީ، މި މީހާ ދިރިއުޅެނީ ފަޅު ގެއެއްގައި ކަމަށާއި، އެ ގޭގައި ފެނާއި ކަރަންޓުގެ ޚިދުމަތެއް ވެސް ނެތް ކަމަށެވެ. އޭނާގެ ތިމާގެ މީހުން އޭނާއަށް ކާއެއްޗެހި ދޭ ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެމީހާ ފާޚާނާ ކުރަނީ މަގުމައްޗަށް ކަމަށް ވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑުގައި ނަޖިސް ހުންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ކަންކަން ކުރުމުގެ ސަބަބުން، ބައެއް ފަހަރު އާންމުންގެ ފަރާތުން މި މީހާއަށް އަނިޔާ ލިބި، ތަޅައި ހަދާ ކަމުގެ ޝަކުވާވެސް ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މިދިޔަ މަހު މި މީހާ ގެއެއްގެ ތެރެއަށް ވަދެ ކުޑަކުދިންތަކެއްގެ ކުރިމަތީގައި އަމިއްލައަށް އޭނާގެ ޖިންސީ އެދުން ފުއްދާފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެފަހަރު އެ ކުދިންގެ ބައްޕަ ވަރަށް ރުޅިގަދަވެ، އޭނާއަށް އަނިޔާ ކުރުމަށްފަހު ފުލުހުންނާއި ހަވާލުކުރި ނަމަވެސް، ބޯހަމަނުޖެހޭ މީހެއް ކަމަށްވާތީ ފުލުހުން ވަނީ އަނެއްކާވެސް އެ މީހާ ދޫކޮށްލާފައެވެ.
ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ވަރަށް ގިނަ ފަހަރު ހުށަހަޅާފައިވާ ކަމަށް މާމެންދޫ ރައްޔިތުން ބުނެއެވެ. ނަމަވެސް، މިހާތަނަށްވެސް އެއްވެސް ހައްލެއް ލިބިފައި ނުވާތީ، ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އެ ރަށުގެ ރައްޔިތުން ގޮވާލާފައިވަނީ މި މީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ރަށުގެ އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.




1 Comment
މި ހަބަރު ކިޔާފަ ވަރަށް ދެރަވެއްޖެ. ތިޔަ ބުނާ ދޮށީ ދަރިފުޅު އެބަޖެހޭ ހައްޔަރުކުރަން. ސަރުކާރުން އެބަޖެހޭ ކަމާބެހޭ އިދާރާތަކުން އަޅާނުލީތީ އިސްތިއުފާ ދޭން. ކައުންސިލުންވެސް އެބަޖެހޭ އިސްތިއުފާ ދޭން. ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރާ އިދާރާތަކުގެ ވެރިންވެސް އެބަޖެހޭ އިސްތިއުފާ ދޭން. ވަރަށް ދެރަވެއްޖެ.