ބޮޑުކަންނެލީގެ މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
މި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ އިސްވެރިންނާއި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ފަރާތްތަކުން ވަނީ މިއަދު ކޯޓު ބޭރުގައި އަޑުއުފުލާފައެވެ. އެމްޑީޕީ އާއި މަސްވެރިންގެ ޔޫނިއަނުން ގޮވާލަމުން ދިޔައީ މައުރޫފްގެ އިތުރުން މުޒާހަރާއިން ހައްޔަރުކުރި އެހެން މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރު ނުކުރުމަށެވެ.
މަސްވެރިންގެ މި އިހްތިޖާޖު ފެށިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނުއެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ ސަރުކާރުން ކަންނެލި ގަނެ، މާކެޓު ކޮށްދީ ފައިސާ ހޯދައިދިނުމަށް ވީ ވައުދު ނުފުއްދާތީ ކަމަށެވެ.
މި އިހުތިޖާޖު އިއްޔެ މެންދުރެއް ހާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. ފުލުހުންގެ މި އޮޕަރޭޝަނުގައި ޖުމްލަ ތިން މީހަކު ހައްޔަރުކޮށް، މަސްވެރިކަމުގެ ތިން ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ، މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރަން ޖެހުނީއެވެ.



