މ. ދިއްގަރުގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، ގައުމީ އަދި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އާއި ދިއްގަރު މާކެޓިންގ ކޯޕަރޭޝަން އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި ދިއްގަރު މާކެޓިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗެއަރޕާރސަން އިސްމާއިލް މާހިދުއެވެ.
މި އެއްބަސްވުމަކީ ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށް މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، މި އެއްބަސްވުމާއެކު ދިއްގަރުގެ އުފެއްދުންތައް މާކެޓު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއާއި ދުނިޔޭގައި މާކެޓުކުރުމަކީ އެ ކޯޕަރޭޝަންގެ މަސައްކަތް ކަމަށާއި، ވަކި ރަށަކަށް ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް އެއްވަރަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.
”ހުރިހާ ރަށްތަކަށްވެސް އެބައޮތް އެއްވަރަކަށް ފުރުސަތު، އަޅުގަނޑުމެން ވަކި ރަށަކަށް ނޯންނާނެ ވަކި ތަފާތު ކުރުމެއް. ހުރިހާ ރަށަކަށްވެސް ފުރުސަތު އޮންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއާއި ދުނިޔޭގައި މާކެޓުކުރުން،“ ޝަރީފް ވިދާޅުވިއެވެ.
މުސްތަޤުބަލުގައި އެހެން ކައުންސިލްތަކާއެކުވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުންމީދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިއްގަރުގެ މަސްވެރިންނަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިއްގަރު ރިހާކުރުގެ ނަމުގައި މާކެޓުގައި އެހެން ރިހާކުރުތައް ވިއްކަމުން ދިޔުން ކަމަށާއި، މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކުންދާ ކަމަށެވެ.
ނަމަވެސް މި އެއްބަސްވުމާއެކު ދިއްގަރުގެ އުފެއްދުންތައް ރަސްމީކޮށް ބްރޭންޑުކުރެވި، ބާޒާރަށް ނެރެވޭނެކަމަށް ނިޝާން އުއްމީދު ކުރައްވައެވެ.
ދިއްގަރު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ބުނެފައިވަނީ، ’ފްރޮމް މޯލްޑިވްސް‘ ގެ އެހީތެރިކަން ލިބިގެން ދިޔުމަކީ، އެންމެ އެދެވޭ ގޮތެއްގައި މާކެޓުކޮށް އިޝްތިހާރުކުރެވި، އިތުރު މާކެޓުތައް ހޯދުމަށް ފަސޭހަވެ، މަސައްކަތް ކުރާ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފަހި ފުރުސަތެއް ހުޅުވޭނެ ކަމެއް ކަމަށެވެ.



