ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސައްކަތް ފެށުމަށްޓަކައި ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަދި ދުވާފަރު ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 15.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން 812 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 450 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
172.93 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ދުވާފަރުގެ އާބާދީގައި މިހާރު 5047 މީހުން ދިރިއުޅެމުންދާއިރު، އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ހިއްކާ ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އަދި ސިނާޢީ މަސައްކަތްތައް ކުރުމަށްވެސް ހިއްކާ ބިމުން ޖާގަ ލިބިގެންދާނެއެވެ.
މީގެ ކުރިންވެސް ދުވާފަރުގައި ބިންހިއްކުމުގެ މަޝްރޫޢެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 2021 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވެއެވެ.




