މަސްވެރިންގެ މައްސަލަތަކަށް ހައްލު ގެނައުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރ. ދުވާފަރަށް ވަޑައިގެންފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ މިއަދު ދުވާފަރުގައި މަސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އަދި މިނިސްޓަރު ޝިޔާމްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށެވެ.
އަދި މި ކަންބޮޑުވުންތައް ހައްލުކުރުމަށް މިވޭތުވެދިޔަ 2 އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިންގެ ހުންނަ ކަންބޮޑުވުންތައް މިނިސްޓްރީއަށް އަދި މިފްކޯއަށް ލިބެއެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަކީ ޖާއިޒު ވާހަކަތަކެކެވެ. ބޮޑުކަންނެލީގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަކީވެސް ގަބޫލުކުރެވޭ ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަންކަމަށްވެސް ވީމިންވަރަކުން ސަރުކާރުން އެޓެންޑް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގައި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ދާއިރާއާ ގުޅިގެންހުރި ކަންކަން ވީހާވެސް ބޮޑަށް ހާސިލުކުރެވޭތޯ މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ މިހާރަށްވުރެވެސް މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


