ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އިންޑިއާ ދަތުރު، ކޮލްކަތާގައި ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.
ކޮލްކަތާއިން ފެށި މި ޓުއާގައި ކޮލްކަތާގެ މަޝްހޫރު ދަނޑު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީއަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި މެސީ އެ ދަނޑަށް އައިސް ބައިގަނޑިއިރު ވެސް ނުވަނީސް ދިއުމުން ގިނަ ސަޕޯޓަރުންތަކެއް ވަނީ ރުޅިގަދަވެފައެވެ.
ރުޅިގަދަވި ސަޕޯޓަރުން ވަނީ ދަނޑަށް އަރައި، ދަނޑުގައި ހުރި ތަކެއްޗަށް ގެއްލުން ދީ، ހަމަނުޖެހުން ހިންގައިފައެވެ. ސަލާމަތީ ކަންކަމަށްޓަކައި މެސީ ވަނީ އަވަސް އަރުވާލައިގެން ދަނޑުން ގެންގޮސްފައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ގިނަ ސަޕޯޓަރުން ރުޅިގަދަވި ސަބަބަކަށްވީ ގިނަ ވަގުތުތަކެއް ވަންދެން މެސީ ދެކިލުމަށް އަގު ބޮޑުކޮށް ޓިކެޓް ގަނެގެން އައިސް ދަނޑުގައި ތިއްބާ، ކައިރިން މެސީ ފެނި ފޮޓޯ ނަގާލާނެ ފުރުސަތު ނުދިނުމުންނެވެ. ސަޕޯޓަރުން ބުނާގޮތުގައި މެސީ ފެނުނީ ކުޑަ ވަގުތުކޮޅަކަށެވެ. މި ހަމަނުޖެހުމުގެ ސަބަބުން ދަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތިން ދުވަހަށް ކުރިއަށްދާ މި ދަތުރުގައި ކޮލްކަތާއިން އިވެންޓްތައް މިއަދު ފެށިއިރު، ހައިދަރުއާބާދު، މުމްބައި އަދި ދިއްލީއަށް ވެސް މެސީ ދަތުރުކުރާނެއެވެ. އަދި މި ދަތުރުގައި ތިން ސިޓީއެއްގެ ޗީފް މިނިސްޓަރުންނާއި އެކި ފަންނާނުންނާ ބައްދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޓުއާގެ ތެރެއިން މެސީގެ 70 ފޫޓުގެ ސްޓެޗޫއެއްވެސް ކޮލްކަތާގައި މިއަދު ވަނީ ވާޗުއަލްކޮށް ލޯންޗުކޮށްފައެވެ.
މެސީ އެންމެ ފަހުން އިންޑިއާއަށް ދަތުރުކުރީ 2011 ވަނަ އަހަރު މެޗެއް ކުޅުމަށެވެ. އެއީ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗަށް ވެސް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަދެފައިވެއެވެ.



