މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ބޮކްސް އޮފީސް ހިޓް ފިލްމު”ޕުޝްޕާ 2: ދަ ރޫލް“ އަންނަ މަހު ޖަޕާންގައި ރިލީޒް ކުރަން ނިންމައިފިއެވެ.
މި ފިލްމު ޖަޕާނު ބަހުން ޑަބްކޮށް، އެ ގައުމުގެ ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ ޖެނުއަރީ 16 ގައެވެ.
ޖަޕާނުގައި އަޅުވަން ހަމަޖެހިފައިވާ ”ޕުޝްޕާ 2“ ގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި 1،800 ކްރޯޑް ރުޕީސް ގެ ބޮޑު އާމްދަނީއެއް ހޯދައި، ރެކޯޑްތަކެއް ގާއިމުކުރި ފިލްމެކެވެ. ޖުމްލަ 500 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ”ޕުޝްޕާ 2“ އަކީ 2021 ވަނަ އަހަރު ގެނެސްދިން ”ޕުޝްޕާ: ދަ ރައިޒް“ ގެ ސީކްއެލް އެވެ. މި ސީކްއެލްއަށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ސުކްމާރު އެވެ. ފިލްމުގެ ޓައިޓްލް ރޯލު، ޕުޝްޕާ ރާޖްގެ ކެރެކްޓާ ކުޅެފައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، ފަހަދު ފާސިލް އަދި ޖަގަޕަތީ ބާބޫ ފަދަ ފަންނާނުން ހިމެނެއެވެ.
”ޕުޝްޕާ“ ފްރެންޗައިޒްގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ އިރު، މިހާރު އައްލޫ އަރުޖުން އަންނަނީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ އާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ.



