ރ. ދުވާފަރުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސްޕޯޓްސް މިނިޝަޓަރު އަބްދުﷲ ރާފިއު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރާނީ އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ޖާގަ އޮންނަ ގޮތަށެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށް، އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރަން ހަމަޖެހިފައިވާ ދުވާފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިއަދުވަނީ ފައްޓަވައިދެއްވާފައެވެ.




