ބޮޑުކަންނެލީގެ މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.
މައުރޫފް ހައްޔަރުކުރީ އިއްޔެ މެންދުރެއްހާއިރު ފުލުހުން ބާރުގެ ބޭނުންކޮށްގެން މާލެ ކައިރީގައި ކުރިއަށްދިޔަ މަސްވެރިންގެ އިހުތިޖާޖު ރޫޅާލުމުގެ އޮޕަރޭޝަނުގެ ތެރެއިންނެވެ.
މަސްވެރިންގެ މި މުޒާހަރާ ފެށިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުއެވެ. އެމީހުން މުޒާހަރާކުރަމުން ދިޔައީ ސަރުކާރުން ކަންނެލި ގަނެ، މާކެޓު ކޮށްދީ ފައިސާ ހޯދައިދިނުމަށް ވީ ވައުދު ނުފުއްދާތީ ކަމަށް ބުނެއެވެ.
މި މައްސަލައިގައި މައުރޫފްގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
މި މުޒާހަރާ އިއްޔެ މެންދުރެއް ހާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. މި އޮޕަރޭޝަނުގައި މައުރޫފްއާ އެކު ޖުމްލަ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ތިން ދޯނި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މެންބަރު މައުރޫފަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ކަށަވަރުކޮށްދެއްވަމުން ފުލުހުން ވިދާޅުވީ، އޭނާ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭނާގެ އަމިއްލަ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް މަސްވެރިންގެ ޔޫނިއަނުން އެކަންކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.
އެހެންވެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރަން ޖެހުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.




