ރ. ދުވާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދަނާލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި ދަނާލުގެ މަސައްކަތް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކައި އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދުވާފަރުގައި ދަނާލުގެ އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ، މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14ގައި ހިމެނޭ ދަނާލު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް ސަރަހައްދަކީ، ރ. ދުވާފަރެވެ. ރ. ދުވާފަރުގައި ދަނާލު ބިނާކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުވަނީ ބިން ހަވާލުކޮށްފައެވެ.
ދުވާފަރުގައި ޤާއިމްކުރާ މި ދަނާލުގެ އިމާރާތުގައި ދަރިވަރުންނަށް ބޭނުންވާނެ ގިނަ ޚިދުމަތްތައް ހިމެނެއެވެ. އެގޮތުން، ފާހާނާ ހިމެނޭހެން 30 ކޮޓަރިއާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ކުރުމަށް ބަދިގެއަކާއި ކާގެއެއް ހިމެނެއެވެ. މީގެ އިތުރުން ލޯންޑްރީ އޭރިޔާއަކާއި، ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮ ކަމަށް އެކިކަހަލަ ކުޅިވަރު ކުޅޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
ޓްރެއިނިންގ އޭރިޔާގެ ގޮތުގައި ކުލާސްރޫމްތަކާއި، އައިސީޓީ ލެބަކާއި، އެޑްމިން އޮފީސް ވެސް މި އިމާރާތުގައި ހިމެނޭނެއެވެ.



