މަސްވެރިންގެ ކަންކަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން، މަސްކިރުވުމަށް ހާއްސަކޮށްގެން ”މަސް ކިރާ“ގެ ނަމުގައި އާ އެޕްލިކޭޝަނެއް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން އިފްތިތާޙުކޮށްފިއެވެ.
މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރުވުމަށް ގިނަ ވަގުތު ކިއުގައި ޖެހިގެން ހުންނަންޖެހޭ ހާލަތަށް ނިމުމެއް ގެނެސްދީ، ވަގުތާއި މަސައްކަތް ފަސޭހަކޮށްދިނުމަށް ތަޢާރަފުކުރި ޒަމާނީ ހައްލެކެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި، ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.
މިފްކޯއިން ހާމަކުރެއްވި ގޮތުގައި، ”މަސްކިރާ“ އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރުވުމަށް ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މިއީ ”ކެޔޮޅާ މޯލްޑިވްސް“ގެ ރައީސާ ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް، މިފްކޯއާ ގުޅިގެން ތަޢާރަފުކުރެވުނު އެޕްލިކޭޝަނެކެވެ.
އެ ކުންފުނިން ވިދާޅުވީ، މި އެޕް ތައްޔާރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.
މިފްކޯއިން ވިދާޅުވިގޮތުގައި، މި އެޕްލިކޭޝަންގެ ސަބަބުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދެއެވެ. އަދި މަސްކިރުން ފިޔަވާ، ތެޔޮ، ފެން އަދި އައިސް ފަދަ އިތުރު ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދެއެވެ. މި ހުރިހާ ކަމެއް ނިމުމަށްފަހު، މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކުރެވޭނެއެވެ.
އަދި ޓޯކަން ޖެނެރޭޓް ކުރުމަށްފަހު، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް މަސްވެރިންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް މީގެ ކުރިން އެ ދޯންޏަކުން މަސްކިރުވި އަދަދުތަކާއި ތަފާސްހިސާބުތައްވެސް ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސްވެރިކަމުގެ ތާރީޚު ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިފަދަ ޒަމާނީ ހައްލެއް ގެނައުމުގެ ސަބަބުން މަސްވެރިންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށާއި، މިއީ މަސްވެރިން ގިނަ ވަގުތު ކިއުގައި ޖެހިގެން ހުންނަންޖެހޭ ހުުރުމަށް ނިމުމެއް ގެނެސްދޭނެކަމެއް ކަމަށެވެ.




