މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިނަށް ވިއްކާ ތެލުގެ އަގުހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ގޮތް ހަދައިދިނުމުގެ ވައުދު ފުއްދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.
އެގޮތުން، ދުވާފަރުގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން އިންސްޓޯލްކޮށް، މިއަދުން ފެށިގެން އެސްޓީއޯ ރޭޓުން ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ މާޗް މަސް ނިމެންވާއިރަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ގާއިމްކޮށް، މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކޭނެ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ބަދަލާއެކު، މަސްވެރިންނަށް އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެ ކަމަށާއި، ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް 71 ލާރި އަގުހެޔޮކުރެވޭނެ ކަމަށެވެ.
ތެލުގެ އަގަށް ގެނެވުނު ބަދަލު
މިފްކޯއިން މާދަމާއިން ފެށިގެން ތެޔޮ ވިއްކާނެ އާ އަގުތައް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، މަސްވެރިންނަށް ތެޔޮ ވިއްކާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ:
- މަސްކިރާ ހުރިހާ ފަރާތްކަކަށް: 13.90 ރުފިޔާ
- ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް: 13.72 ރުފިޔާ
- އާންމު ފަރާތްތަކަށް: 14.43 ރުފިޔާ
މި ބަދަލު މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަންތަކުންނާއި، ތެލަކުން ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެކުނުގެ މަސްވެރިން އެވްރެޖްކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ހަރަދުކުރާއިރު، މިހާރު ގެނައި ބަދަލާއެކު އެވްރެޖްކޮށް 1000 ރުފިޔާ ދެން ރައްކާކުރެވޭނެ ކަމަށެވެ. މިއީ މިފްކޯއިން ސީދާ މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި ދެވޭނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި، އޭގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ އެސްޓީއޯއާިއ މިފްކޯ އާއި އެފްއެސްއެމްއާއި ގުޅިގެން ގެނައި އެރޭންޖްމެންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.



