ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު 25 ދަރިވަރަކަށް އެ ބޭންކުން މަރުހަބާ ކިޔައިފިއެވެ.
ބީއެމްއެލްއިން ބުނީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން 25 އިންޓަރންސްއަށް ބޭންކުން މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ބާއްވާފައިވެއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ބީއެމްއެލްއިން ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވާކަމަށް އެ ބޭންކުން ބުންޏެވެ.
2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.




