ރާއްޖޭގެ ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީތައް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުޑަކޮށްފިއެވެ.
މި ބަދަލުގެ ކުރިން ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީގެ ގޮތުގައި އަހަރަކު 1،000 ޑޮލަރު ނަގަމުން ގޮސްފައިވާ އިރު، އަލަށް ގެނައި ބަދަލާ އެކު ފީތައް ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ.
އެގޮތުން، 25 އަށް ވުރެ ކޮޓަރިތައް މަދުން ހިންގާ ގެސްޓްހައުސްތަކުން ދެން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި 25 އަށް ވުރެ އިތުރަށް ކޮޓަރި ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ. މީގެ އިތުރުން ޓްރެވަލް އޭޖެންޓުންނާއި ސަފާރީތަކުން ވެސް މެންބަޝިޕް ފީގެ ގޮތުގައި ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
މެންބަޝިޕް ފީގެ ގޮތުގައި ރިސޯޓުތަކުން ދައްކަމުން އަންނަނީ 2،000 ޑޮލަރެވެ
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މެންބަޝިޕް ފީ ކުޑަކޮށް ދިނުމުގެ އިތުރުން ވެސް ކުދި ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކުދި ވިޔަފާރިތަކަށް ރޯޑްޝޯތަކާއި ޓޫރިޒަމް ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، އެ ކުންފުނީގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދޭން ވެސް ވަނީ ނިންމާފައެވެ.
އަދި ވިޒިޓް މޯލްޑިވްސްއިން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރުކުރުމަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.




