ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %37 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން 11 މަސްދުވަސްތެރޭ ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދު ހުރީ 965 މިލިޔަން ޑޮލަރުގައެވެ.
ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ.
މިއަހަރުތެރޭ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓީ-ޖީއެސްޓީ، ޑީޕާޗަރ ޓެކްސް، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އަދި ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައި ލިބިފައިވާ އަދަދުތަކެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 636 މިލިޔަން ޑޮލަރުން ޓީ-ޖީއެސްޓީގެ ގޮތުގައެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 132 މިލިޔަން ޑޮލަރު، އިންކަމް ޓެކްސްގެ ގޮތުގައި 131 މިލިޔަން ޑޮލަރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 110 މިލިޔަން ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 112 މިލިޔަން ޑޮލަރު އަދި ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައި 100 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްގެ ބަޔަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 63 މިލިޔަން ޑޮލަރެވެ.
މީރާގެ ރިޕޯޓުގައިވާގޮތުން ހަމައެކަނި ނޮވެމްބަރުމަހަށް ބަލާއިރު، މިމަހު ބަލައިގަތް ޑޮލަރުގެ އާމްދަނީގެ ޖުމްލަ އަދަދު ވަނީ 103 މިލިޔަން ޑޮލަރަށް އަރާފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައި މި އަދަދު ހުރީ 84 މިލިޔަން ޑޮލަރުގައެވެ.



