އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރުގެ ހިލޭ އެހީއެއް ހަދިޔާކޮށްފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި މި އެހީ ދިންއިރު، ސިއްހީ ވުޒާރާއިން ވިދާޅުވީ، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދޭ ހިލޭގެ އެހީ އެއް ކަމަށެވެ.
މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންސާނީ ވަސީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމަށް ވެސް މި އެހީ ބޭނުންކުރެވޭނެއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށް ވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ގައި، އެކި ގައުމުތަކުން ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. ބައިވެރިންގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުންހުރި އެހެން އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީންދޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނެއެވެ.
ރާއްޖެއިން ބޭރުން ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއު.އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކާއި، ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނެއެވެ.
ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫ.އެޗް.ސީ) ގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެންހުރުމެވެ.
މޯލްޑިވްސް ޔުނިވަރސެލް ހެލްތު ފޯރަމްގައި، ޤައުމުތަކުގެ ތަޖުރިބާއަށް ބަލައި، އަދި ރާއްޖޭގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލުކުރުމަށް 2026 އިން 2030 އަށް މަގުޗާޓެއް އެކުލަވާލާފައިވެއެވެ.
މި މަގުޗާޓުގެ މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކުރުމާއި، ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.



