އެމެރިކާގެ ރޯޑް އައިލޭންޑްގައި ހުންނަ މަޝްހޫރު ބްރައުން ޔުނިވަސިޓީގައި ދިން ހަމަލާތަކެއްގައި ދެ ދަރިވަރަކު މަރުވެ، ނުވަ މީހަކު ޒަހަމްކޮށްލައިފިއެވެ.
މި ހަމަލާ ދީފައި ވަނީ ޔުނިވަސިޓީގެ އިންޖިނިއަރިން އާއި ފިޒިކްސް އިމާރާތުގައި ދަރިވަރުންތަކެއް އިމްތިހާނެއް ހަދަމުން ދަނިކޮށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި ހާދިސާގައި ޒަހަމްވި މީހުންނަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ޒަހަމްވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ.
މި ހަމަލާ ދީފައި ވަނީ ހަތިޔާރާއެކު ޔުނިވަސިޓީގެ ތެރެއަށް ވަން މީހެކެވެ. ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. ފުލުހުން ބުނެފައި ވަނީ ހަމަލާދިން މީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. ނަމަވެސް ހަމަލާދިން މީހާ ހުރީ އެއްކޮށް ކަޅު ހެދުމުގައި ކަމަށާއި އޭނާ އަކީ 30 ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހަމަލާ ދިން މީހާ ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުން މިހާރު ވަނީ އާންމުކޮށްފައެވެ.
އެމެރިކާގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކުގައި މިފަދަ ހާދިސާތައް ކުރިންވެސް ވަނީ ހިނގާފައެވެ.



