ނޭޝަނަލް ކެރިއަރ ސަރވިސަސް (އެން.ސީ.އެސް) އިން އައްޑޫސިޓީގައި ގާއިމުކުރި ބްރާންޗް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ބްރާންޗް ހުޅުއްވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
ބްރާންޗް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅުފައިވާ ކަމެއްކަމަށެވެ.
އަދި ނޭޝަނަލް ކެރިއަރ ސަރވިސަސް ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތައް ގުޅުވައިދޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް، ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި، ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ
ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ.
ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަރުގެ ނަން ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރުމަށްފަހު، މިހާރު ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ އެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ނޭޝަނަލް ކެރިއަރ ސަރވިސަސް އިން ހާމަކުރެއްވި ގޮތުގައި، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 14 އަތޮޅެއްގައި 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީފައިވެއެވެ. މީގެ އިތުރުން، ޖޮބް ސެންޓަރ ޕޯޓަލްގައި 8912 މީހުން ވަޒީފާ ހޯދަން ރަޖިސްޓްރީވެފައިވާ ކަމަށާއި، ވަޒީފާ ދޭ ފަރާތްތަކެއްގެ ގޮތުގައި 4076 ފަރާތް ރަޖިސްޓްރީވެފައިވާ ކަމަށް އެ ސަރވިސްއިން ބުނެއެވެ.
މިހާތަނަށް 1562 މީހުންނަށް ވަޒީފާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އެން.ސީ.އެސް އިން މައުލޫމާތު ދެއެވެ.



