އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި މިއަދު ދިން ބަޑީގެ ހަމަލާ ހުއްޓުވާލި ހީރޯއަކީ މުސްލިމެއްކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ބޮންޑައި ބީޗްގައި މިއަދު ބަޑިހިފައިގެން ތިބި ބަޔަކު ވަނީ އެތަނުގައި ތިބި ބަޔަކަށް ބަޑިން ހަމަލާދީ އެތައްބަޔަކު މަރާލާފައެވެ. މި ހަމަލާތަކުގައި 12 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ނިއުސައުތު ވޭލްސްގެ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހަމަލާދިން މީހުން އެމީހުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެވަގުތު ބީޗްގައި ތިބި ޔަހޫދީންނަށެވެ. އެމީހުން ހަމަލާތައް ދިނީ އެކި ތަންތަނުގައި ތިބެގެންނެވެ.
މި ހަމަލާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެންމެބޮޑަށް ވައިރަލް ވެފައިވަނީ ބަޑިހިފައިގެން ހަމަލާދެމުންދިޔަ މީހަކު ހުއްޓުވުމަށް އާދައިގެ ހެދުމެއްގައި ހުރި މީހަކު ހަރަކާތްތެރިވި މަންޒަރެވެ.
އޮސްޓްރޭލިއާގެ ދަ ސިޑްނީ މޯނިން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހީރޯއެއްގެ ގޮތުގައި ފާހަގަކުރެވުނު އެމީހަކީ އަރަބި މުސްލިމެއްކަމަށްވާ އަހުމަދު އަލް އަހުމަދު އެވެ. ބަޑިހިފައިގެން މީހުންގެ ތެރެއަށް ޖަހަމުންދިޔަ މީހާގެ އަތުން އަހުމަދު ބަޑިއަތުލާފައިވަނީ ފަހަތުންގޮސް ވަރަށް ހުށިޔާރުކަމާއެކުގައެވެ. ނަމަވެސް ބަޑިއަތުލުމާއެކު އެވަގުތު އެހެން މީހަކު ވަނީ އަހުމަދަށް ބަޑިން ހަމަލާދީފައެވެ.
މި ހަމަލާގައި އަހުމަދަށް ޒަހަމްތަކެއް ލިބުނު ނަމަވެސް އޭނާ ވަނީ ބަޑިޖަހަން އުޅުނު މީހާގެ މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.
ބަޑިން ހަމަލާތައް ދެމުންދިޔަ މީހުންގެ އެ އަމަލު އެހާއަވަހަށް ހުއްޓި ތަނުގެ ކޮންޓްރޯލް ފުލުހުން ނެގީ އަހުމަދުގެ ޖެހިލުންކުޑަކަމުންކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާގައި މީހުންތައް ދަނީ އަހުމަދުގެ ކެރުމަށް ވަރަށްބޮޑަށް ތައުރީފްކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ބަޑިހިފައިގެން ތިބި މީހުން ދެމުންދިޔަ ހަމަލާތައް ހުއްޓުނީ އޭނާގެ ހިތްވަރުގަދަ އަމަލުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގައި އަހުމަދަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށް މީޑިއާތަކުން ބުނެއެވެ.
އަހުމަދަކީ ސިޑްނީގައި މޭވާ ވިއްކާ ފިހާރައެއް ހިންގާ މީހެކެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި ބައިވެރިވީ ދެމީހުންނެވެ. މި ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކު މަރުވިއިރު އަނެއް މީހާއޮތީ ވަރަށް ސީރިއަސް ހާލަތެއްގައެވެ.



