މިއަދާއި މާދަމާވެސް ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކުގައި މިއަދު ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ހުރީ އެންމެ 3 ކިލޯމީޓަރަށް ކަމަށެވެ.
މެޓުން ބުނިގޮތުގައި، ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. ވައި އެންމެ ބޮޑަށް ނުސާފުވާނެ ކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށާއި، މައިގަނޑު ގޮތެއްގައި މިކަމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ކަމަށް މެޓުން ބުންޏެވެ.
މެޓުން ލަފާކުރާ ގޮތުގައި، ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ، އެ ދެދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެއެވެ. ނަމަވެސް ރާއްޖެ ސަރަޙައްދުގެ ވައި މުޅިން ސާފުވާނެ ކަމަށް ބެލެވެނީ، އިރުވައި މޫސުން ނިމޭ ހިސާބުން ކަމަށްވެސް މެޓު އޮފީހުން ފާހަގަކުރެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ސިއްޙީ މާހިރުން ވިދާޅުވަނީ އޭގެ ސަބަބުން ސިއްޙީގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ މީހުންނާއި އެލަރޖީ މައްސަލަ ހުންނަ މީހުންނަށް މިދުވަސްވަރު އިތުރު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ރައްކާތެރިވުމުގެ ގޮތުން ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ ޙާލަތްތަކުގައި ނޫނީ ބޭރަށް ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން، ވައިގެ ނުސާފުކަން ގޭތެރެއަށް ވަނަ ނުދިނުމަށްޓަކައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭގައި އެއަރ ޕިއުރިފަޔަރ ބޭނުން ކުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.



