ޑިޒްނީގެ އެންމެ ފަހުގެ އެނިމޭޓެޑް ފިލްމު ”ޒޫޓޯޕިއާ 2 ގެ “ އާމްދަނީ ބިލިއަނަކަށް އަރައިފިއެވެ.
މިދިޔަ މަހުގެ 26 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރި މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ މިހާރު ވަނީ 1.137 ބިލިއަން ޑޮލަރަށް އަރައިފައެވެ.
”ޒޫޓޯޕިއާ 2“ ގެ އާމްދަނީ އެންމެ 17 ދުވަސް ތެރޭގައި ބިލިއަނަކަށް އެރިއިރު، މީ އެނިމޭޓެޑް ފިލްމެއްގެ އާމްދަނީ މިހާ އަވަހަށް ބިލިއަން ޑޮލަރު ހުރަސްކުރި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑިޒްނީގެ މި ފިލްމަކީ ޖެރެޑް ބުޝް ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމު އުފެއްދުމަށް 150 މިލިއަން ޑޮލަރުގެ ބަޖެޓެއް ހޭދަވެފައި ވެއެވެ. ”ޒޫޓޯޕިއާ 2“ އަކީ 2016 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ”ޒޫޓޯޕިއާ“ ގެ ސީކްއެލްއެވެ. ފުރަތަމަ ފިލްމު ވެސް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި އެވެ.
އެގޮތުން، ފުރަތަމަ ފިލްމުގެ ޖުމްލަ އާމްދަނީ އަކީ 1.025 ބިލިއަން ޑޮލަރެވެ. އެ ފިލްމުގެ ބަޖެޓަކީ ވެސް 150 މިލިއަން ޑޮލަރެވެ.
މިހާރު ”ޒޫޓޯޕިއާ 2“ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު، ފިލްމުގެ ސަބަބުން ލިބުނު އުފާވެރި ޚަބަރަކީ މީގެ ތިން ވަނަ ބައެއް ވެސް ހަދަން ޑިޒްނީން ނިންމާފައިވާކަމެވެ.
މި ކާމިޔާބީއާއެކު، ”ޒޫޓޯޕިއާ“ ފްރެންޗައިޒް ޑިޒްނީގެ އެންމެ ކާމިޔާބު އެނިމޭޓެޑް ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ބެލެވެ އެވެ.




