ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް އެފަދަ 252 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބަންދުކުރެވުނު ވިޔަފާރިތަކުގެ ތެރެއިން 25 ވިޔަފާރިއެއް ބަންދުކުރެވުނީ އިކޮނޮމިކް މިނިސްޓްރީގެ ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ. އަދި އަނެއް 12 ވިޔަފާރިއެއް ބަންދުކުރެވުނީ އެހެން ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ.
ނަމަވެސް، ގަވާއިދާ ޚިލާފަށް ހިންގި ވިޔަފާރިތަކުގެ ތެރެއިން ޤަވާއިދާ އެއްގޮތަށް ކަންކަން އިސްލާޙުކޮށް، ހަމައަކަށް އެޅުވުމުން 8 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ.
ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، އެކަން ރިޕޯޓުކުރުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3333199 އަށް ގުޅައިގެންނާއި، އަދި މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓުކުރެވޭނެކަމަށް މިންސްޓްރީން ބުނެފައިވެއެވެ.




