މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ 52 މަސާޖު ޕާލާ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭ، ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަނުން ކުރަމުން އަންނަ ކަމުގައި ވިޔަސް، ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުންތަކުގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސަރުކާރުން މިކަމަށް އިތުރު އަހަންމިއްޔަތުކަމެއް ދިން ކަމަށެވެ.
އެގޮތުން، މިކަމާ ގުޅޭ އިދާރާތައް އެއްވެ، އިތުރު ހިތްވަރެއްލާ، އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ހާއްސަ އޮޕަރޭޝަނެއް މިމަހުގެ 9 ވަނަ ދުވަހު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރެވުނު މަސައްކަތުން ޖުމްލަ 52 މަސާޖް ޕާލާއެއް ބަންދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން 24 ތަނަކީ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކޮށް ބަންދުކޮށްފައިވާ ތަންތަން ކަމަށާއި، ބާކީ 28 ތަނަކީ ފުލުހުންނާއި އިމިގްރޭޝަނުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އަމިއްލައަށް ހުއްޓާލައި، ވިޔަފާރި ބަންދުކޮށްފައިވާ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
”މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ފާމްކޮށް މި މަސައްކަތް ކުރަން ފެށީމަ، ރައްޔިތުން ދެއްވި ހިޔާލާއެއް ގޮތަށް ފެށީމަ، ކުރިއަށްވުރެ ބޮޑު ފޯކަސްއެއް ދީގެން ރެއާއި ދުވާލު ފެށީމަ ނަތީޖާ ރަނގަޅު. މިކަން ކުރިއަށްދާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިޔާލަށް އިޖާބަދީގެން، މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ފެށުމުން ނަތީޖާ ރަނގަޅު ކަމަށެވެ. އަދި މިކަން ކުރިއަށްދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް ތިބޭ ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ނުވަތަ އެފަދަ އެހެން ފިޔަވަޅުތައް ވެސް އަޅަމުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




