ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ގަލޮޅުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުރީގެ ހައުސިންގ ސްކީމްތަކުގެ އުސޫލުތަކުގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށް އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށާއި، މިއީ އާއިލާ ބޮޑުވަމުންދާ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވުމުން އެކަން މިހާރު ބަދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޚާއްސަކޮށް 3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލު އިސްލާހުކުރެވިފައިވާ ކަމަށެވެ.
”3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި.“ ރައީސް ވިދާޅުވިއެވެ.
އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވުމަކީ ގިނަ އާއިލާތަކަށް ދިމާވާ މައްސަލައެކެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށްބަލާއިރުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމަށް ޙައްލު ހޯދުމަށް ސަރުކާރުން އަތޮޅުތަކާއި މާލެ ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ބޯހިޔާވަހިކަން އެންމެންނަށް“ މި ސިޔާސަތުގެ ފުރަތަމަސްކީމްގެ ދަށުން މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ހިމަނައިގެން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށް ވަނީ ނިންމަވާފައެވެ.





1 Comment
ވަޓް ދަ ފިޝް! ދިސް އިޒް ޑިޕްރެސިންގ ނިއުސް ފޯރ ދޯޒް ދެޓް ގޮޓް ނަތިންގ. އަނަދަރ ގްރޫޕް ޓު ކޮމްޕީޓް އަގެންސްޓް