ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ އިއްޔެ ފެނިފައިވަނީ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަވްތާ ޗެންގް ޖިއާ ނަމަކަށް ކިޔާ 38 އަހަރުގެ މީހެކެވެ.
މި މީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެމީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އެވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ އެމީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ކޯސްޓްގާރޑަށްވެސް އެކަމުގެ މައުލޫމާތު ދީފައިވާ ކަމަށާއި، ކޯސްޓްގާރޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެގެ 13:32 ހާއިރު ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



