ހުޅުމާލެ ފޭސް 2 ގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލްނުކޮށްފިއެވެ.
އެޗްޑީސީއިން ބުނީ، އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ 125387.81 އަކަފޫޓުގެ ބިމެއްގައެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.
އެޗްޑީސީއިން ބުނިގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް، އެހެން މޮޑެލްތަކުގެ ދަށުން މަޝްރޫއު ހިންގަން ވެސް އީއައިއޯ ހުށަހެޅިދާނެއެވެ. އަދި މަޝްރޫއު ހިންގަން އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އީއައިއޯ ހުށަހަޅައިފިނަމަ، ކުރިއަށް ދާނީ އެޗްޑީސީގެ މާސްޓާ ޕްލޭނާއި ތަސައްވުރާ އެންމެ އެއްގޮތް އީއައިއޯއަކާ އެކީގައެވެ.
ހުޅުމާލެ ފޭސް 2 ގައި ވިޔަފާރި އުސޫލުން މިކްސްޑް ރެސިޑެންޝަލް ނުވަތަ އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ބިން ދޫކޮށް އެކި ކަހަލަ ވިޔަފާރި ކުރުމަށް ހާއްސަ އިމާރާތް އެޅުމަށްވެސް މީގެ ކުރިން އެޗްޑީސީއިން ވަނީ ހުޅުވާލާފައެވެ.



