މިއަދު ފަތިހުއްސުރެ އިންޑިއާގެ ވެރިރަށް ދިއްލީއަށް ދުންފިނީގެ އަސަރު ބޮޑުވުމުގެ ސަބަބުން، 150 އަށްވުރެ ގިނަ ފްލައިޓުގެ ދަތުރު ކެންސަލްކުރަން ޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ފްލައިޓް ދަތުރުތަކުގެ އިތުރުން ރޭލު ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.
ދިއްލީ އިންދިރާ ގާންދީ ބައިނަލްއަގްވާމީ އެއާޕޯޓަށް މިއަދު ދަތުރުކުރުމަށް ހަމަޖެހުނު ގިނަ ފްލައިޓްތަކެއް ކެންސަިލްވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޖުމްލަ 152 ފްލައިޓުގެ ދަތުރު ކެންސަލްކުރަން ޖެހުނު އިރު، އޭގެ ތެރޭގައި އެއާޕޯޓަށް އައުމަށް ހަމަޖެހުނު 73 ފްލައިޓަކާއި، އެ އެއާޕޯޓުން ފުރުމަށް ހަމަޖެހުނު 79 ފްލައިޓެއް ހިމެނެއެވެ.
ދުންފިނީގެ އަސަރު ރޭލު ދަތުރުތަކަށް ވެސް ވަނީ ކޮށްފައެވެ. އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި 20 އަށްވުރެ ގިނަ ރޭލު ދަތުރު ވަނީ ލަސްވެފައެވެ. ހަމައެއާއެކު ދިއްލީގެ އެކި ހިސާބުތަކުގައި އެއްގަމު ދަތުރުފަތުރަށް ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ދިއްލީއާ ކައިރި ސަރަހައްދުތަކާއި ގުޅުވައިދޭ މައި މަގުތަކާއި ހައިވޭތަކުގައި ވެހިކަލްތައް ދުއްވަމުން ދަނީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޫސުމާ ބެހޭ އޮފިޝަލުންގެ ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަ ދުވަހު ވެސް ދުންފިނި ވަރަށް ގަދައަށް އުފެދޭނެއެވެ. އަދި ޚާއްސަކޮށް ފަތިހާއި ހެނދުނުގެ ވަގުތުތަކުގައި މިކަމުގެ އަސަރު ބޮޑުވާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ދިއްލީގައި ވައި ނުސާފުވުމުގެ މިންގަނޑު ކަމަށްވާ އެވަރެޖް އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިއްޔެ 334 އަށް އެރި އިރު، ކުރިއަށް އޮތް ހަފްތާ ބަންދާއި އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ވެސް އޭކިއުއައި ލެވެލް 400 އަށްވުރެ މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



