ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4،000 ފްލެޓުގެ ޑައުންޕޭމަންޓް މިހާތަނަށް ދެއްކި މީހުންގެ ފައިސާ، ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކޮށްދޭގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ.
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ޑިޕޮސިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، ރައީސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްދެއްވާނެކަން އިޢުލާންކުރައްވާފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން ”އެޖެސްޓު“ ކޮށްދޭނެ ކަމަށެވެ.
އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން ”އެޖެސްޓު“ ކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
4000 ފްލެޓުތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާއިރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާއެވެ.
މީގެ އިތުރުން 2 ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާއެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާއެވެ.


