ސައުދީ އަރަބިއްޔާގެ ސަހަރާ ސަރަހައްދަށް ސްނޯ ވެހެން ފަށައިފިއެވެ.
ސައުދީގެ މޫސުމާ ބެހޭ އޮފިޝަލަކާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީގެ ބައެއް ހިސާބުތަކަށް ފިނި މޫސުމުގައި ސްނޯ ވެހުމަކީ މުޅިން އާދަޔާ ހިލާފު ކަމެއް ނޫނެވެ.
އެގޮތުން، ކޮންމެ ފިނި މޫސުމެއްގައި ސައޫދީ އަރަބިއްޔާގެ އުތުރުގެ ހިސާބުތަކަށް ބައެއް ފަހަރު ސްނޯ ވެހޭ ކަމަށް އެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މިފަދަ ހޫނު ސަރަހައްދުތަކަށް ސްނޯ ވެހުމުގެ ވީޑިއޯތައް އާންމުވުމުން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މިފަހަރު ސްނޯ ވެހުނު ވަގުތާއި ސަރަހައްދުގައި ބަދަލުތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން، މިފަހަރު ސައުދީއަށް ސްނޯ ފައިބައިފައިވަނީ އާންމުކޮށް ސްނޯ ނުވެހޭ ދުވަސްވަރެއްގައި ކަމަށް ވެސް އޮފިޝަލު ފާހަގަކުރައްވާފައިވެއެވެ.
ސައުދީގެ އިތުރުން ގަތަރުގެ ސަހަރާ ސަރަހައްދަށް ވެސް މިފަހަރު ސްނޯ ވެހިފައިވާއިރު، ސައުދީގެ ވެރިރަށް ރިޔާދުގެ އުތުރުގެ ބައެއް ހިސާބުތަކުން ވެސް ސްނޯގެ މަންޒަރު ފެނިފައިވެއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މަގުތަކާއި ސަހަރާގެ ފަރުބަދަތައް ވަނީ ހުދު ސްނޯއިން ފުރިފައެވެ. މިފަދަ ހޫނު ގައުމެއްގެ ސަހަރާއިން ފެނުނު މި ހިތްގައިމު މަންޒަރާއެކު، ސްނޯގައި ކުޅުމަށް ކުޑަކުދިން ނިކުމެ އުޅޭ އުފާވެރި މަންޒަރުތައް ވެސް ވީޑިއޯތަކުން ދަނީ ފެންނަމުންނެވެ.




