ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް-3 އިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފިއެވެ.
މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ.
ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފޭސް-3 ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ފޭސް-3 އިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ފޭސް 3 އިން 698 ގޯތި ވަނީ ދޫކޮށްފައެވެ.
އެގޮތުން ފޭސް-3 އިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލެ ފޭސް-3 އިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު
– 1650 އަކަފޫޓުގެ 181 ގޯތި
– 2050 އަކަފޫޓުގެ 242 ގޯތި
– 2450 އަކަފޫޓުގެ 132 ގޯތި
– 2850 އަކަފޫޓުގެ 62 ގޯތި
– 3250 އަކަފޫޓުގެ 41 ގޯތި
– 3650އަކަފޫޓުގެ 16 ގޯތި
– 4000 އަކަފޫޓުގެ 24 ގޯތި
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ގުރުއަތު ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.
ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލެ ފޭސް-3 ގެ ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރިއަށެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑު ބައެއް ވަނީ ހިއްކާފައެވެ.



