ބޮލީވުޑްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ”3 އިޑިއަޓްސް“ ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ އިރު، އާ ފިލްމުގެ ނަމަކީ ”4 އިޑިއަޓްސް“ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުގައި، އެ ނަމާ އެކު ފިލްމުގެ ލީޑަށް އެކްޓަރަކު އިތުރުވާނެ ކަމަށެވެ. ލީޑަށް އިތުރުވާ ހަތަރު ވަނަ އެކްޓަރަކީ ވެސް މަޝްހޫރު ތަރިއެކެވެ. މިހާރު ދަނީ އެކްޓަރު ހޮވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް ގެނެސްދިން ”3 އިޑިއަޓްސް“ ގެ ލީޑް ރޯލުތައް ކުޅުނީ އާމިރު ޚާނާއި، އާރް މާދްވަން އަދި ޝަރުމަން ޖޯޝީ އެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން ކަރީނާ ކަޕޫރާއި، ބޮމަން އިރާނީ އަދި މޯނާ ސިންގް ފެނިގެން ދިޔަ އެވެ.
މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗޭތަން ބަގަތުގެ 2004 ވަނަ އަހަރުގެ ވާހަކަ ކަމަށްވާ ”ފައިވް ޕޮއިންޓް ސަމްވަން: ވަޓް ނޮޓް ޓު ޑޫ އެޓް އައިއައިޓީ“އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގެ ސީކްއެލްގެ ސްކްރިޕްޓް ވެސް ހިރާނީގެ ޓީމުން މިހާރު ނިންމާފައިވާ ކަމަށާއި، އާ ފިލްމުން ވެސް ކުރީގެ ލީޑް ކާސްޓުން ފެނިގެންދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފިލްމުގެ ސީކްއެލްގެ ވާހަކަތައް މީޑިއާތަކުގައި ދެކެވެމުން އަންނަ ނަމަވެސް، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފަރާތުން ނުވަތަ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ ”3 އިޑިއަޓްސް“ ގެ ސީކްއެލް ހެދުމަކީ ކަށަވަރު ކަމެއް ކަމަށެވެ.
ރާޖްކުމާރު ހިރާނީ އަކީ އާމިރު ޚާނާއެކު ”ޕީކޭ“ އާއި، ރަންބީރް ކަޕޫރާއެކު ”ސަންޖޫ“ އަދި ސަންޖޭ ދަތާއެކު ”މުންނާބާއީ އެމްބީބީއެސް“ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނާ
އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2023 ވަނަ އަހަރު ޝާހްރުކް ޚާނާއެކު ގެނެސްދިން ”ޑަންކީ“ އެވެ.




