ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިން އަދިއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 51ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.

އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް, AF268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށްވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމައެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގައެވެ.
އެއާ ފްރާންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 34 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.




