މޫސުން ގޯސްވެ، ވ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 19:45 އިން ފެށިގެން 23:00 އާއި ހަމައަށެވެ.
މެޓުން ބުނީ، އެ ސަރަހައްދަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރެވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އަދި މި ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތައިގެ ފަހުންނެވެ.



