ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމަައި އެތަން ހުޅުވައިފިއެވެ.
އެ މަޝްރޫއުއަށް ފައިނޭންސް ހަމަޖައްސާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އަދި މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އާ އޭޕްރަންގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އާ އޭޕްރަންއާ އެކު އެއާކްރާފްޓްތަކުގެ މޫވްމެންޓްތައް އިތުރުވެ، ގްރައުންޑް ހޭންޑްލިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެއެވެ.

މާފަރު އެއާޕޯޓަކީ ގިނަ ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓަކަށްވާތީ، އޭޕްރަން ބޮޑުކުރުމަކީ މިފަދަ އޮޕަރޭޝަންތަކަށް ވެސް ފަސޭހަ ވާނެ ކަމެއް ކަމަށް މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިމުމާ އެކު، މިއަދު ވަނީ އެ އެއާޕޯޓުގެ ޓާމިނަލް ބިލްޑިން ބޮޑުކުރުމުގެ މަޝްރޫއުގެ އެގްރީމެންޓުގައި ވެސް ސޮއިކޮށްފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫ ދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ތަރައްގީކުރެވުނު އެއާޕޯޓެކެވެ. މިދިޔަ ޖުލައި މަހު އެ އެއާޕޯޓު ވަނީ އިންޓަނޭޝަނަލް ފެންވަރަށް އިތުރަށް ތަރައްގީކޮށްފައެވެ. އެގޮތުން، ރަންވޭ 2،850 މީޓަރަށް ބޮޑު ކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ވެސް މާފަރަށް ޖެއްސޭނެއެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 2018 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ. އަދި ދެވަނަ ފިޔަވަހި 2022 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.



