ރާއްޖޭގައި ޑެންގޫ ހުން އިތުރުވަމުން އަންނާތީ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ޑެންގޫ ހުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާތީ، ޑެންގޫ ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ވެސް ޑެންގޫ ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ޑެންގޫ ވައިރަސް ފެތުރެނީ ޑެންގޫ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ޑެންގޫ ހުމުން ރައްކާތެރިވުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.
ޑެންގޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.



