ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް- (އެމްއޭސީއެލް) އިން އަންގައިފިއެވެ.
އެމްއޭސީއެލްއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1ގެ އެރައިވަލް ގޭޓް 4 ގެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރައްވާ ފަރާތްތަކަށް، ހާއްސަކޮށް، ދަތުރުވެރިން އެރުވުމަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ކަމަށެވެ.
ވީމާ މި ނޫން އުޅަނދުތައް މި ސަރަހައްދުގެ ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނުކުތުމަށް އުދަނގޫވާ ގޮތަށް ޕާކުކުރުމާއި، މަޑުކުރުމަކީ މަނާ ކަމެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ވަނީ، އެއަރޕޯޓު ތެރޭގައި އުޅުއްވާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީގެ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.




