ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް، އަމާން އުދަރެސް އަދި އަމާން ދޯދީގެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށްފިއެވެ.
މި މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ފެށުމަށް އެފްޑީސީން މިހާރު ވަނީ ތައްޔާރުވެފައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ދޯދީގެ ހުރިހާ ފްލެޓެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
”މިހާރު ނުނިމި ހުރީ އެމްޑަބްލިއުއެސްސީން މަގުތަކުގައި ކުރަންޖެހޭ މަސައްކަތެއް. އެހެންވެ، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ހަވާލުކުރަން ފެށުމަށް ތައްޔާރުވެފައިވޭ،“ ހަމްދާން ވިދާޅުވިއެވެ.
ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރާނެ އައު ތާރީޚުތައް ފަހި ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އަންގަމުންދާނެ ކަމަށް އެފްޑީސީން ބުނެއެވެ. އެފްޑީސީން ލަފާ ކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިމޭނެއެވެ. މިއީ ކުރިން ބައެއް ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރަން ރާވާފައިވާ ތާރީޚު (ޖަނަވަރީ މަހުގެ ފަހުކޮޅު) އަށްވުރެ އަވަހެވެ.
ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުން ކަމަށްވާއިރު، މިހާރު ވަނީ ޑައުންޕޭމަންޓް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން، މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.
މި ގެނައި ބަދަލުތަކާއެކު މިހާރު ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ.
އަދި ސަރުކާރުން ނިންމާފައިވާ ގޮތުގައި، ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް، މި މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.



