ސައުދީ އަރަބިއްޔާގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދިޔަ 17،880 މީހުން ހަފްތާއެއްގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެއެވެ.
މި 17،880 މީހުން ހައްޔަރުކޮށްފައިވަނީ، ޑިސެމްބަރު 11 އާއި ޑިސެމްބަރު 17 އާ ދެމެދު، އެ ގައުމުގެ ސަލާމަތީ ބާރުތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ބަންދުކުރެވުނު މީހުންގެ ތެރޭގައި ރެޒިޑެންސީ ގަވާއިދާ ހިލާފުވި 11،190 މީހުންނާއި، ބޯޑަރ ސެކިއުރިޓީ ޤާނޫނުތަކާ ޚިލާފުވި 3،801 މީހުންނާއި، ލޭބަރ ރެގިއުލޭޝަންތަކާ ހިލާފުވި 2،889 މީހުން ހިމެނެއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން އުޅުނު 1،509 ފަރާތެއް ވެސް ހުއްޓުވާފައިވެއެވެ. މި މީހުންގެ ތެރެއިން 44 އިންސައްތަ މީހުންނަކީ ޔަމަނުގެ ރައްޔިތުންނެވެ. އަދި 55 އިންސައްތަ އަކީ އިތިއޮޕިއާގެ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ފޮލޯއަޕް ޕްރޮސީޖަރުތަކުގެ ތެރެއިން، ގަވާއިދާ ހިލާފުވި 20،000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ޑިޕްލޮމެޓިކް މިޝަންތަކަށް ހަވާލުކޮށް އަނބުރާ ފޮނުވާލުމުގެ ލިޔެކިޔުންތައް ހޯދުމަށް ވަނީ އަންގާފައެވެ.
މި އޮޕަރޭޝަންތަކުގެ ކުރިން ވެސް، ގަވާއިދާ ހިލާފަށް ސައުދީގައި އުޅުނު 12،661 މީހުން ވަނީ ޑިޕޯޓްކޮށްލާފައެވެ.




