މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރާ ’މައިކްރޯ ފައިނޭންސިންގ‘ ޕްރޮޑަކްޓުގެ ތަފްސީލު މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5% ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެއެވެ.
މިއީ މުޅި ރާއްޖޭގައިވެސް މިހާރު ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓެވެ.
މި ފައިނޭންސިންގ އަގުހެޔޮކޮށް އަދި ދިގުމުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ.
މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިންގ އެދި ހުށަހެޅޭނެއެވެ.
”އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން. މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ،
މި ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ޚިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިންގ ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގއެކެވެ.
އަދި ޝަރީޢާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިންގ ދާއިރާއާ ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނެއެވެ.
މިއަންނަ ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެއެވެ.



