ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ ކުރާނެކަން ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ ރައްޔިތުންނާ ގާތުން ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުމަކީ ކުރިން ވެސް މަނާކަމެއް ނަމަވެސް އެކަން އެކަށީގެންވާ ގޮތަކަށް ތަންފީޒު ނުކުރެވޭތީ މިހާރު ކުދިން ފޯނު ގެންދާ މައްސަލަ ބޮޑުވަމުންދާ ކަމަށެވެ.
އެހެންކަމުން، ދަރިވަރުންގެ ކިޔެވުމަށް ފޯނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމުގެ ގޮތުން، އަންނަ ދިރާސީ އަހަރު ފެށިގެން ދާއިރު، އެޑިއުކޭޝަން މިނިސްޓްރީން ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނު ގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ވަރަށް ސްޓްރިކްޓްކޮށް ތަންފީޒު ކުރާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޯނު ގެންދެވޭނެ ނަމަވެސް، ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުންކުރުން މަނާކުރުމަށްޓަކައި ޚާއްސަ އިންތިޒާމެއް ހަމަޖައްސާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ކްލާސް ނިމުނީމަ ފޯނު ލިބޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އެއީ އެކުދިންގެ އުމުރަށް ބަލާއިރު ހުސް ވަގުތުތަކުގައި ފޯނު ބޭނުން ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލު ގެނައުމަށް ނިންމެވީ ބެލެނިވެރިންގެ ފަރާތުން ވެސް ޝަކުވާތައް ހުށަހަޅާފައިވާތީ ކަމަށެވެ.



