ވައްކަންކުރި ކަމަށް ތުހުމަތުވާ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަދި ނާތަހުޒީބު އަމަލެއް ކަމަށް ބުނެ، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ގިނަ ބައެއްގެ އަތްދަށުވެ އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި މީހަކު ބިންމައްޗަށް ވައްޓާލައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓުން އަރައި އަނިޔާކޮށްފައިވެއެވެ. އަދި އެއަށްފަހު އޭނާ ވަނީ މޫދަށް އެއްލާލާފައެވެ.
މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމްއިން ވަނީ ބަޔާނެއް ނެރި މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެޗްއާރުސީއެމުން ބުނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާކަމަށް އެ ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި، ޝަރުއީ ހަމަތަކުގެ މަތިން ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. އަމިއްލައަށް އިންސާފު ގާއިމްކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި އަނިޔާވެރި މަންޒަރުތައް ފެތުރުމަކީ އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމުން ވަނީ މި މައްސަލަ އަވަހަށް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ކޮންމެ މައްސަލައެއްގައި ވެސް ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށާއި، ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.




